ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ޒުވާނެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ހާދިސާ ރިޕޯޓަށް ބަލާއިރު އޭނާ ކުރިން ރައްޓެހިވެގެން އުޅުނު މީހާއާމާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ތުންފަތް ފަޅައިގެންގޮސް އިނގިލިތައް ރަތްވެ ފައިގެ ފަލަމަސްގަނޑުން އެކި ތަންކޮޅު ނޫފައިގަނެ ބުރަކަށި ރަތްވެފައިވާކަމަށް އޭނާގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، އޭނާ ކުށަށް އަރައިގަނެފައިވާ ހާލަތަށް ރިއާޔަތްކުރާއިރު، އެދެމީހުންނަކީ ގެވެށި ގުޅުމަކުން ގުޅިފައިވާ ދެ މީހުންކަން އެނގޭ ކަމަށާއި، އަނިޔާ ލިބުނު ފަރާތަށް އަނިޔާ ލިބި ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައަޅަމުން އިތުރަށް ބުނެފައި ވަނީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމތިވެދާނެ ކަމަށެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތައް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.



