ސިނގިރޭޓު ފޮއްޓެއްގެ އަގު މިފަހަކަށް އައިސް 150 ރުފިޔާގައި ހުރެފައި، 250 ރުފިޔާއަށް އުފުލިއްޖެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލި ކުރުމަށް ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު އެކްސްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މަހު މެދުތެރޭގައި ނިންމަވައިފައެވެ. ރައީސްގެ އެ ނިންމުމާއެކު އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 19 ވަނަ އިސްލާހު ގެނައުމުގެ ބިލު އެ މަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައިފައެވެ.
ގާނޫނަށް މިގެނައި ބަދަލާއެކު ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާ ފަރާތްތަކާއި ފިހާރަތަކުން ވަނީ ސިނގިރޭޓުގެ އަގަށް ބޮޑު ބަދަލެއް ގެނެސްފައެވެ.
އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ސިނގިރޭޓު އެތެރެކުރާ ރޫޓްއިން މީގެކުރިން ސިނގިރޭޓު ކާޓޮންއެއް 995 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު އެއަގު ވަނީ 2240 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މީގެއިތުރުން މާލޭގައި ފުޅާދާއިރާއެއްގައި ސިނގިރޭޓު ވިއްކާ ފިހާރަތަކުން މިހާރު ސިނގިރޭަޓު ފޮއްޓެއް ވިއްކަނީ 207 ރުފިޔާއާއި 250 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ.




