ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތް ކުޑަކުރުމަށް ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ގޮވާލައްވައިފިއެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދައުލަތުން ދޭން ވާނެއެވެ.
މީގެއިތުރުން، ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާ ވެސް މިހާރު ލިބިވަޑައިގަންނަވާއިރު މުޖުތަމައުއަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި، އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175،000 ރުފިޔާއަ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު އިސްމާޢީލް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ބޭފުޅަކު ވެސް ވެރިކަމުން ދުރަށް ވަޑައިގެންނެވީ ދައުލަތް ދިރުވާލުމަށްފަހު ކަމަށާއި އެމްއެމްއޭގެ ތިޖޫރީ ހުރި ތަނުގައި ވަޅުގަނޑު ވެސް ނެތް ކަމަށެވެ. އެހެންކަމުން ދައުލަތުން ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް ކުޑަކުރަންޖެހޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.
”ހަތަރު، ފަސް ލައްކަ ރުފިޔާ ނަގައިގެން ގޮސް އިނގިރޭސިވިލާތުގައި އެކަކު، ޖަރުމަނުގައި އަނެކަކު ގޭގައި ބޮޑު ގޮޅިއެއް ހަދައިގެން ހަމަ ކޮންމެ ރެއަކު ފުރޮންޓޭ، މުރޮންޓޭ އުރޮންޓޭ ކިޔައިގެން ޖަލްސާ ބާއްވަނީ،“ މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މީގެއިތުރުން، އިސްމާއިލް ވިދާޅުވީ ކުރީގެ ރައީސުން ގައުމު ފަސާދަކޮށް ރައްޔިތުން ބައިބައި ކުރަން ނޫނިއްޔާ ކުރި މަސައްކަތެއް ނެތް ކަމަށެވެ. އަދި ދައުލަތުން ރައީސުންނަށް އިނާޔަތް ދޭންޖެހޭ ސަބަބާއި މެދު ސުވާލު ކުރައްވާ އިސްމާއިލް ވިދާޅުވީ ނައިބު ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އިނާޔަތް ނުދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.



