ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަނަކަށް އަހްމަދު ނާސިފް އައްޔަނުކޮށްފިއެވެ. އެޗްޑީސީގެ ޗެއާމަނަކަށް އައްޔަނު ކުރުމުގެ ކުރިން ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޗެއާމަނަކަށެވެ.
އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް އައްޔަނު ކުރިކަން އެ ކޯޕަރޭޝަނުން ވަނީ ”އެކްސް“ ގައި އިއުލާނުކޮށް މަރުހަބާ ކިޔާފައެވެ. އަދި އެޕޯސްޓަށް ކޮމެންޓުކޮށް އެތައްބަޔަކު ވަނީ މަރުހަބާވެސް ކިޔައިފައެވެ.
އާރްއޭސީއެލްގެ ޗެއާމަން ކަމުގެ އިތުރުން ނާސިފް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. މީގެއިތުރުން އަދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އޭނާ އަދާކުރައްވާފައިވެއެވެ.
އެޗްޑީސީގެ ޗެއާމަނަކަށް މިއަދު އައްޔަނުކުރި ނާސިފް ވަނީ މީގެކުރިން އެ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.



