ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުލިބޭނެކަމަށް އެންސްޕާއިން ނިންމުމާއި ގުޅިގެން ކޭޝްލެސް ހިދުމަތް ހުއްޓާލި އިތުރު ދެތަނަކުން އަލުން ހިދުމަތް ދޭން ފަށައިފިއެވެ.
އާސަންދަ ރިފޯމްކުރުމުގެ ގޮތުން ޕްރައިވެޓް އިންޝުއަރެންސެއް އޮތް ނަމަ، އޭގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ސިއްހީ ހިދުމަތްދޭ ތަންތަނަށް އެންގުމާއި ގުޅިގެން ބައެއް ތަންތަނުން ވަނީ ކޭޝްލެސް ހިދުމަތް ހުއްޓާލިއެވެ.
ހިދުމަތް ހޯދާ މީހުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހުމުން އެކަމާއި ކަންބޮޑުވުން ފާޅު ކުރުމުން ސަރުކާރުގެ އިންޝުއަރެންސް ކުންފުނި، އެލައިޑުން ވަނީ ކޭޝްލެސް ހިދުމަތް އަލުން ފަށައިފައެވެ.
އެލައިޑްގެ އިތުރުން، އެހިދުމަތް މެދުކަނޑާލި، އަމާނާ ތަކާފުލް އާއި ސޮލަރެލް އިން ވެސް ވަނީ މިހާރު އަލުން ކޭޝްލެސް ހިދުމަތް ދޭން ފަށައިފައެވެ.
ކޭޝްލެސް ހިދުމަތް މެދުކަނޑާލުމުގެ ސަބަބުން، އެހިދުމަތަކަށް އަމިއްލައަށް ފައިސާ ލިބޭނީ، އެހިދުމަތަކަށް އަމިއްލަ ޖީބުން ފައިސާ ދެއްކުމަށްފަހު، ފަރުވާ ހޯދަން ފައިސާ ދެއްކި ރަސީދު އެމީހެއްގެ އިންޝިއުރެންސް ކުންފުންޏަކަށް ހުށަހެޅުންނެވެ.
މިގޮތަށް ކުންފުނިތަކުން ހިދުމަތް މެދުކަނޑާލުމާއި ގުޅިގެން އެންސްޕާއިން ވަނީ ސިއްހީ ހިދުމަތްތަކަށް އަމިއްލަ އަށް ފައިސާ ދައްކަން ޖެހޭ ކޮންމެ ހާލަތެއްގައި އާސަންދަ ލިބޭނެ ކަމަށް ބުނެފައެވެ.




