ރާއްޖޭގައި ވޭޕް މަނާކުރުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުން ތަންފީޒުކުރުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އިޖުތިމާއީ ކޮމިޓީން އެބިލު ފާސްކޮށްފައި ވަނީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހަޅާފައިވާ މިބިލުގައި ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކޮށްފިނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރުމުގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ވޭޕު ވިއްކާ ކޮންމެ ފަރާތެއް 20،000ރ. ޖޫރިމަނާ ކުރުމަށާއި ، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރުމުގެ އިތުރުން، ހިލޭ ވޭޕެއް މީހަކަށް ދީފިނަމަ 10،000ރ. ގެ ޖޫރިމަނާއެއް އަދި އެތަކެތި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިމަމުގެ 15 ގައި މިބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާއިރު، ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ތަކެތި ބޭނުން ކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާވާނެއެވެ.



