ހުޅުމާލޭ ފަޅުތެރޭގައި އޮތް ”ބްލޫވޭގާ“ ނަމަކަށްކިޔާ ސަފާރީއެއްގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ނުނިވޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފަޅުތެރޭގައި، ވެމްކޯ ޖެޓީ ސަރަހައްދުގައި ސަފާރީތައް އަޅާ ސަރަހައްދުގައި އޮތް ”ބުލޫވޭގާ“ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 03:42 ހާއިރު ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
މި ހާދިސާ ހިނގިއިރު އެ ސަފާރީގައި ތިބި 12 ފަޅުވެރިން ވަނީ ކައިރީގައި އޮތް ޑައިވިންގ ދޯންޏަކަށް އަރާފައެވެ. އެއީ ފަސް ބިދޭސީން (ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާ) އާއި ހަތް ދިވެހިން ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ. އަދި ސަފާރީގައި އަލިފާން ރޯވި އިރު އޭގައި ހުރީ ޑައިވިންގ ކުރުމަށް ބޭނުންކުރާ ސާމާނުކަން އެ ސަފާރީގެ ކެޕްޓަން މަޢުލޫމާތު ދިން ކަމަށް ވެސް ވިދާޅުވިއެވެ.
މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް މަޢުލޫމާތެއް ނުލިބެއެވެ. ނަމަވެސް ސަފާރީ ވަނީ އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ.



