ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމު އިފްތިތާހު ކުރުމުގައި ރައީސް މުޢިއްޒުގެ އިތުރުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އާއި ދައުލަތުގެ ވަޒީރުންނާއި އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމު އިފްތިތާހު ކުރުމުގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ވިދާޅުވީ ޤައުމެއް ކުރިއެރުމުގެ މުހިންމު މަސައްކަތް ކުރިއަށްދަނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ކަމަށެވެ. އެގޮތުން ތަޢުލީމީ ނިޒާމުގެ ތެރެއިން ދެވޭ ތަޢުލީމުގެ ފެންވަރާއި ދަރިވަރުންނަށް ފަހި ކުރެވޭ ފުރުސަތު އަދި ކިޔަވާދިނުމުގެ ކޮލިޓީއަކީ ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާކަންކަން ކަމުގައި ވަޒީރު ޝަފީޢު ވިދާޅުވިއެވެ.

”މި ޕްރޮގްރާމު ފެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހިރާއްޖޭގައި ޓީޗަރުން ލިބުން ދަތިވެފައިވާ މައްސަލައަށް ހައްލެއް ގެނައުން. ވަރަށް ގިނަ މާއްދާތަކުން ޓީޗަރުން ލިބުން ވަނީ ދަތިވެފައި. އެގޮތުން ޕްރިމަރީ ގްރޭޑަށް ބަލައިލާއިރުގައި ވެސް 250 ޓީޗަރުން މިހާރުން މިހާރަށް ވެސް ބޭނުންވޭ.“ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.
މީގެއިތުރުން ޓީޗަރުން ލިބުން އެންމެ ބޮޑަށް ދަތިވެފައިވަނީ އިނގިރޭސިއާއި ހިސާބު އަދި ސައިންސްގެ މާއްދާތަކަށް ކަމުގައި ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ޓިޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ބައިވެރިންނަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ވެސް މިރަސްމިއްޔާތުގައި ހަވާލުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނުވެފައިވާ ރަނގަޅު ޓީޗަރުން މަދުވުން ކަމުގައި ތަޢުލީމީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އެކަން ހައްލުކުރުމަށް ރަނގަޅަށް ތަމްރީނުވެފައިވާ 2000 އެއްހާ ޓީޗަރުން ބޭނުންވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިއަދު މި އިފްތިތާހު ކުރެވުނު ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އެކަން ހާސިލު ކުރެވޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.



