ރާއްޖޭގެ ސްކޫލުތަކަށް ޕްރައިމަރީ ޓީޗަރުންނާއި ސައިންސްގެ މާއްދާތަކުގެ ޓީޗަރުން މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޓީޗަރުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމު އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ މާއްދާތަކުން ޓީޗަރުން ލިބުމަށް ދަތިވެފައިވާ ކަމަށާއި އެގޮތުން ޕްރިމަރީ ގްރޭޑަށް ބަލައިލާއިރުގައި ވެސް 250 ޓީޗަރުން މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށެވެ.
”މީގެއިތުރުން ޓީޗަރުންގެ ޝޯޓޭޖު އެންމެ ބޮޑީ އިނގިރޭސި، ހިސާބު އަދި ސައިންސްގެ މާއްދާތަކަށް. ބިޒްނަސް ސްޓްރީމުގެ މާއްދާތަކަށްވުރެ ސައިންސް ސްޓްރީމްގެ މާއްދާތަކަށް ޓީޗަރުން ބޭނުންވާވަރު ބޮޑުވެފައި މިވަނީ. މިހެން މިކަން ވުމުގެ ސަބަބުތަކެއް ވެސް އެބައޮތް. ހިސާބުގެ މާއްދާގައި ހުރިހާ ކުދިންވެސް ބައިވެރިވާނެ އެއީ އޯލެވެލްގައި ވެސް މަޖުބޫރު މާއްދާއެއްވީމަ. އެހެންނަމަވެސް އަދިވެސް އަތޮޅުތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ސައިންސްގެ މާއްދާތައް ކިޔަވާ ދިނުމުގެ ފުރުސަތު، ބިޒްނަސް ސްޓްރީމުގެ މާއްދާތަކާ އެއްވަރަށް ފަހިކުރެވިފައެއް ނެތް“ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ޝަފީޢު ވިދާޅުވީ ސައިންސްގެ މާއްދާތައް ހަދާކުދިން މަދު ކަމަށާއި އެގޮތުން 6000 ދަރިވަރުން އޯ ލެވެލް ހަދާކަމުގައި ވަނީނަމަ ސައިންސްގެ މާއްދާތައް ހަދަނީ ގާތްގަނޑަކަށް 2000-2500 އާ ދޭތެރޭގެ އަދަދުގެ ދަރިވަރުން ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި ސައިންސްގެ މާއްދާތަކުން ގްރެޖުއޭޓުވާ ދަރިވަރުންގެ އަދަދު ވަރަށް ދަށްވެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.



