މިސަރުކާރުން މަސްވެރިކަމުގެ ސިނާއަތުގައި ހުރި ބޮޑެތި ދަތިތަކާއި މައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޮންމެ އަތޮޅެއްގައި، އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް، ”ފިއުލު ސްޓޯރޭޖް“ތައް ގާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް މިހާ ޒަމާންވީއިރު، މި ދާއިރާގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިފައިނުވާ ކަމަށެވެ.
މިކަމުގެ ސަބަބަކީ މައްސަލަތައް ހައްލުކުރުމަށް އަބަދުވެސް ހޯދިފައިވަނީ ވަގުތީ ހައްލުތަކަކަށްވުން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތްތައް، ރައިސް ޑރ.މުޢިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމައެކު ފަށްޓަވާފައިވާކަމަށެވެ.
”އެއީ 30 ސެޕްޓެމްބަރު 2023ގައި، ހުވާކުރެއްވުމުގެ ކުރިއަށް މަސައްކަތްޕުޅު ފަށްޓަވައިފި، މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް. އެއާއެކު މުޅި ސިނާއަތުގެ ހުރިހައި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށްޓެވި މަސައްކަތް، ފުރަތަމަ 3 އަހަރުތެރޭގައި ހައްލުކުރެވިގެންދާނެ،“ ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުޢިއްޒުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން، މި ދާއިރާގެ ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބައްލަވައި މަސްވެރިންނަށް ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވެސް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.




