ކެޔޮޅުންގެ އެވޯޑާއި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދެވޭ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފައި ވަނީ ހުސްވި އޮކޮޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މާދަމާގެ ނިޔަލަށް އެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނިކޮށް އެވުޒާރާއިން އިއްޔެ އާއްމުކުރި އިއުލާނެއްގައި އެވޯޑަށް އެދި ކުރިމަތިލުމުގެ މުއްދަތު ވަނީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ އެވޯޑްތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ނަން ހުށަހެޅައިގެން ވެސް ބައިވެރިވެވިދާނެއެވެ.
އެގޮތުން، ތިން އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު އެވުޒާރާއިން ވަނީ ހުޅުވާލާފައެވެ. އެއީ:
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.
އެވޯޑަށް އެދި ހުށަހަޅަން ޖެހޭ ފޯމް އެވުޒާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭން ހުންނާނެ ކަމަށާއި، ފޯމު ފުރުމަށްފަހު ވުޒާރާގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv އަށް އީމެއިލް ކުރުމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.



