ގއ. ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ތަރައްޤީކުރުމަށް ބޭރުގެ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.
މިމަޝްރޫއަކީ ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ ދަށުން 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑާއި ހަވާލުކޮށްފައިވާއިރު ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ މަސްވެރި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމެވެ. އަދި ގްލޯބަލް ޕްރޮޖެކްޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާޝިޝް އޮބަރޯއިއެވެ.
މިއެއްބަސްވުމުގެ ދަށުން 365 ދުވަހުގެ ތެރޭގައި ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ޙަވާލުކޮށްފައިވާ އިރު، މިއީ 6.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.
މިއަދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ މިހާރު ކޫއްޑޫގައި 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުރިއިރު މިމަޝްރޫޢުގެ ސަބަބުން 6000 މެޓްރިކް ޓަނަށް ގއ. ކޫއްޑޫގެ ސްޓޯރޭޖު އިތުރުކުރެވިގެންދާނެ ކަމަށެވެ.
މީގެއިތުރުން، މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8500 ޓަނު ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދަކީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުގެ އަމާޒަކީ 3 ގުނަކޮށް ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުންކަމަށް ވަޒީރު ޝިޔާމު އިތުރަށް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ފަހަގަކުރައްވާފައިވާ ގޮތުގައި ކޯލްޑު ސްޓޯރޭޖުގެ ހާލަތު ރައްޖޭގައި ހުރިގޮތުން މަހަށް އަގު ކިޔުމުގެ ބާރެއް ރާއްޖެއަށް މިހާރު ނޯނވެއެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކާއި އެކު މަސްވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުން ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭ ކަމަށާއި މީގެ ސަބަބުން ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރު ކުރާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.




