އިދިކޮޅު މައި ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީއާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ޕީއެންއެފްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން މިއަދު ދެއްކި ”ފަށާއިރު“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، އެއްވެސް ހާލަތެއްގައި އެމްޑީޕީ އާއެކު ކޯލިޝަނެއް ހައްދަވާފާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ވާނެކަމެއް ނޫން ކަމަށެވެ.
”ނޫން، ތިއީކީ ވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ އައިޑިއޮލޮޖީއާއި އެމްޑީޕީގެ އައިޑިއޮލޮޖީއާ ތަފާތު“ ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކުރި ހުރިހާ ”ޖެއްސުމަކާއި“ ހުރިހާ ގޯނާއެއް ކުރީވެސް އެމްޑީޕީ ސަރުކާރުން ކަމަށެވެ. އެހެންކަމުން އެއްގޮތަކަށް ވެސް އެމްޑީޕީއާއެކު ކޯލިޝަނެއް ހެދުމުގެ ޚިޔާލެއް ނެތް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
”އަޅުގަނޑުމެންނާއި އެމްޑީޕީއާ ވާހަކަތަކެއް ދެއްކިދާނެ. އެކަމަކު އެމީހުންނާއެކީ އެގްރީމެންޓެއް ހަދައިގެން އެމީހުންނާއެކީ ސިޔާސީ މަސައްކަތެއްކޮށް މިސަރުކާރު ވައްޓާލާ، ސަރުކާރަށް ދެރަދޭން މިކަންކަން ކުރާކަށް އަޅުގަނޑު ނެތިން ކޮންމެހެން އެމްޑީޕީއާއެކީ. އެއީ އަޅުގަނޑަށް އިތުބާރެއް ނުކުރެވޭ އެމީހުންނަކަށް“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ހެވާއިލާބައަށް ކަމަށް ވެސް އެމަނިކުފާނަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އެސަރުކާރުން ވެސް ރަނގަޅު ކަންތައްތަކެއް ކޮށްފައި ހުރިކަމަށާއި ނަމަވެސް މުޅި މަސައްކަތަށް ބަލާއިރު ދިވެހިރާއްޖެ މިހާވަރަށް އަޅުވެތިވެގެން ދިޔައީ އަދި އިންޑިއާގެ ވެސް ދަށުވެ، ހުރިހާކަމެއް ހަލާކުވެގެން ދިޔައީ އެމްޑީޕީ ސަރުކާރުގެ ސަބަބުން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.



