ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކޮށްފައިވާ ފިއުލް ފާމް އަދި ހައިޑްރަންޓް ސިސްޓަމްގެ މަސައްކަތް ނިމި، މިއަދު ހުޅުވަން ތައްޔާރުވެއްޖެއެވެ.
އެމެއޭސީއެލް އިން ތަރައްގީ ކޮށްފައިވާ ފިއުލް ފާމް އަދި ހައިޑްރަންޓް ސިސްޓަމްގެ މަސައްކަތް ނިމި ހުޅުވުމަށް ތައްޔާރުވެފައިވާއިރު، އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއުގެ މަގުސަދަކީ ދުރު މަންޒިލްތަކަށް ދަތުރުކުރާ މަތިންދާބޯޓުތަކަށް ޚިދުމަތް ދިނުމަށް ބޭނުންވާ ތެލުގެ ޚިދުމަތް ހަރުދަނާ އަދި ރައްކާތެރިކަމާއިއެކު ތިމާވެށްޓަށް ގެއްލުން ކުޑަ ގޮތެއްގައި ފޯރުކޮށްދިނުމެވެ.
މި ފިއުލް ފާމް އަދި ހައިޑްރަންޓް ސިސްޓަމް އަކީ 37،000 އަކަ މީޓަރުގައި ބިނާކޮށް، މީގެ ކުރިން ގާއުމުކޮށްފައިވާ ފެސިލިޓީއަށް ވުރެއް ތިން ގުނަ އިތުރަށް ބޮޑު ފެސިލިޓީއެކެވެ. މިފެސިލިޓީގައި 45 މިލިއަން ލީޓަރު ޖެޓް އޭ-1 ތެލުގެ އިތުރުން، ރިޒާވްގެ ގޮތުގައި އިތުރު 1 މިލިއަން ލީޓަރު ޑީސަލް އާއި 100’000 ލީޓަރު ޕެޓްރޯލް ރައްކާލުރެވިފައިވާނޭ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
މީގެއިތުރުން، ތެޔޮ ފޯރުކޮށްދޭ ހައިޑްރަންޓް ސިސްޓަމްގެ ހޮޅިތައް 8 ކިލޯމީޓަރަށްވުރެ ދިގުވާނޭ ކަމަށާއި، މިހޮޅިތަކަކީ އެޅިފައި ވަނީ ބިމުގެ އަޑީގައި އަޅާފައިވާ ހޮޅީގެ ނެޓްވޯކެއް ގޮތަށް ކަމަށާއި މީގެ ސަބަބުން، ފިއުލް ފާމުން ސީދާ ކޮންމެ މަތިންދާބޯޓެއް ޕާކުކުރާ ތަނަކަށް ތެޔޮ ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން މައުލޫމާތު ދީފައިވެއެވެ.
އެމްއޭސީއެލް އިން ތަރައްގީކޮށްފައިވާ މިފެސިލިޓީގެ ސަބަބުން،000’60 ލީޓަރަށްވުރެ ގިނަ ޖެޓް އޭ-1 ތެޔޮ ބޭނުންވާ ދުރު މަންޒިލްތަކަށް ދަތުރުކުރާ މަތިންދާބޯޓުތަކަށް ތެޔޮ އަޅާ ޓްރަކުތަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށާއި، ހައިޑްރަންޓް ސިސްޓަމް ބޭނުންކުރުމުން ބިމުގައި އުޅަނދުތައް ދުއްވުން މަދުވެ، ހިންގުމުގެ ރައްކާތެރިކަން އިތުރުވެ، މަތިންދާބޯޓުތަކުގެ ޓާންއެރައުންޑް އަވަސްވެގެންދާނެއެވެ.
މީގެއިތުރުން، ޝެޑިއުލްކޮށްފައިވާ ގޮތަށް ތެޔޮ އެޅި، ބިމުގައި ހޭދަކުރާ ވަގުތު މަދުވެ، އަވަހަށް ތެޔޮ އެޅުމުގެ ސަބަބުން މަތިންދާބޯޓު އަނބުރާ ދަތުރަށް ނުކުތުމަށް ހޭދަވާ ވަގުތު ކުރުވެ، ގަޑިއަށް ދަތުރުތައް ފުރިހަމަކުރުމަށް އެއާލައިންތަކަށް އެހީތެރިވެގެންދާނެއެވެ.
މިއީ ސިއްހަތަށް ވެސް ސަލާމަތްތެރި، ރައްކާތެރި ގޮތެއްކަން ހާމަކޮށް އެމްއެސީލްއިން ބުނެފައި ވަނީ މިފެސިލިޓީ ގާއިމު ކުރެވުމުން، ތެޔޮ އުފުލާ ވެހިކަލްތަކުން ބޭރުވާ ދުން މަދުވެ، ވައިގެ ތަޣައްޔަރުކަން ކުޑަވެ، އެޕްރަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޞިއްޙަތަށް ފައިދާވާނޭ ކަމަށާއި ހައިޑްރަންޓް ނިޒާމުގެ ސަބަބުން މަތިންދާބޯޓުގެ ވަށައިގެން އުޅޭ ވެހިކަލްތައް މަދުވެ، ވެހިކަ، ވެހިކަލްތަކުގެ އެކްސިޑެންޓްތަކާއި ތެޔޮ ގެންގުޅުމުގެ ހާދިސާތައް ވެސް މަދުވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، ތެޔޮ އުފުލާ ވެހިކަލްތަކާއި ޑްރައިވަރުން މަދުވުމުގެ ސަބަބުން، ހުއްދަ ސަރަޙައްދުތަކަށް ވަދެވޭ ގޮތްތައް މަދުވެ، ރައްކާތެރިކަން އިތުރުވުމުގެ އިތުރުން، ހައިޑްރަންޓް ނިޒާމުގެ ސަބަބުން ތެޔޮ އެޅުމުގައި ތެޔޮ އޮހޮރުމުގެ ނުރައްކާ އަދި ދުން ބޭރުވުން މަދުވެ، ވައިގެ ބަނދަރު ވަށައިގެންވާ ފަސްގަނޑާއި، ފެނާއި، ވައިގެ ފެންވަރު ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެމްއޭސީއެލް އިން އަބަދުވެސް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރާއި މިންގަނޑުތަކަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭއިރު، އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މިފެސިލިޓީ ގާއިމުކުރުމުގައި އެކުންފުނީގެ އަމާޒަކަށްވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ޒަމާނީ ތެލުގެ ވަސީލަތްތައް ޤާއިމުކުރުމެވެ.



