ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް މިއަދު ހުޅުވައިފިއެވެ.
މިމަޝްރޫޢު ހުޅުވައިދެއްވީ މިކަމަށްޓަކައި ވީއައިއޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނާއެކު ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފުއާއި ދައުލަތުގެ ވަޒީރުން އަދި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު އާއި އެކުންފުނީގެ ބޯޑު މެންބަރުންނާއި އެކިއެކި މުއައްސަސާތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ހުޅުވި ވީއައިއޭގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދެވުނު މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.
މި އައު ފިއުލް ހައިޑްރަންޓް ސިސްޓަމްގެ ސަބަބުން އެމްއޭސީއެލްއިން އެއާލައިންތަކަށް ތެޔޮފޯރު ކޮށްދިނުމުގެ ޚިދުމަތްތަށް މިހާރަށްވުރެ އެތައް ގުނައެއް ހަލުވިވެގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ ވީއައިއޭ އަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އެއާޕޯޓު އޮޕަރޭޓު ކުރާ ކުންފުނިކަމަށްވާ އެމްއޭސީއެލްއަކީ ރާއްޖޭގެ އިޤްތިޞާދާއި ކުރިއެރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރުކަން ވެސް އެ ކުންފުނީގެ އެމްޑީ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން މިއަދު ތަޢާރަފުކުރި އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމްއަކީ އަނެއްކާވެސް ވީއައިއޭއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމެއް ކަމަށާއި މިއީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެއް ކަމުގައި ވެސް އެމްއޭސީއެލްގެ އެމްޑީ ވިދާޅުވިއެވެ.
”ކުރިން އަލުގަނޑުމެންގެ ފިއުލް ސްޓޯރޭޖް ކެޕޭސިޓީއަކީ ގާތްގަނޑަކަށް 13 މިލިއަން ލީޓަރު. އެހެންނަމަވެސް މި އައު ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ.“ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ވިދާޅުވިއެވެ.
ވީއައިއޭގެ ފިއުލް ފާމް އަދި ފިއުލް ހައިޑްރަންޓް ސިސްޓަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެމްޑީ ޝަރީފު ވިދާޅުވީ، މިއީ 37،000 އަކަ މީޓަރުގައި ބިނާކޮށް މީގެ ކުރިން ގާއިމުކޮށްފައިވާ ފެސިލިޓީއަށްވުރެ ތިން ގުނަ އިތުރަށް ބޮޑު ފެސިލިޓީއެއް ކަމަށެވެ. އަދި މިފެސިލިޓީގައި 45 މިލިއަން ލީޓަރު ޖެޓް އޭ-1 ތެލުގެ އިތުރުން، ރިޒާވްގެ ގޮތުގައި އިތުރު 1 މިލިއަން ލީޓަރު ޑީސަލާއި 100،000 ލީޓަރު ޕެޓްރޯލް ރައްކާރެވިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއޭސީއެލްއިން މިމަޝްރޫޢުއާ ގުޅޭގޮތުން އިތުރަށް ބުނީ މިމަޝްރޫޢުގެ ދަށުން ތެޔޮ ފޯރުކޮށްދޭ ހައިޑްރަންޓް ސިސްޓަމްގެ ހޮޅިތައް 8 ކިލޯމީޓަރަށްވުރެ ދިގުވާނެ ކަމަށާއި، މިހޮޅިތައް އެޅިފައި ވަނީ ބިމު އަޑީގައި އަޅާފައިވާ ހޮޅީގެ ނެޓްވޯކެއް ގޮތަށް ކަމަށެވެ. އޭގެ ސަބަބުން، ފިއުލް ފާމުން ސީދާ ކޮންމެ މަތިންދާބޯޓެއް ޕާކުކުރާ ތަނަކަށް ތެޔޮ ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އެމްއޭސީއެލް އިން ތަރައްގީކޮށްފައިވާ މިފެސިލިޓީގެ ސަބަބުން، 60،000 ލީޓަރަށްވުރެ ގިނަ ޖެޓް އޭ-1 ތެޔޮ ބޭނުންވާ ދުރު މަންޒިލްތަކަށް ދަތުރުކުރާ މަތިންދާބޯޓުތަކަށް ތެޔޮ އަޅާ ޓްރަކުތަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށާއި، ހައިޑްރަންޓް ސިސްޓަމް ބޭނުންކުރުމުން ބިމުގައި އުޅަނދުތައް ދުއްވުން މަދުވެ، ހިންގުމުގެ ރައްކާތެރިކަން އިތުރުވެ، މަތިންދާބޯޓުތަކުގެ ޓާންއެރައުންޑް އަވަސްވެގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން، ޝެޑިއުލްކޮށްފައިވާ ގޮތަށް ތެޔޮ އެޅި، ބިމުގައި ހޭދަކުރާ ވަގުތު މަދުވެ، އަވަހަށް ތެޔޮ އެޅުމުގެ ސަބަބުން މަތިންދާބޯޓު އަނބުރާ ދަތުރަށް ނުކުތުމަށް ހޭދަވާ ވަގުތު ކުރުވެ، ގަޑިއަށް ދަތުރުތައް ފުރިހަމަކުރުމަށް އެއާލައިންތަކަށް އެހީތެރިވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިއީ ސިއްހަތަށް ވެސް ސަލާމަތްތެރި، ރައްކާތެރި ގޮތެއްކަން ހާމަކޮށް އެމްއެސީލްއިން ބުނީ މިފެސިލިޓީ ގާއިމު ކުރެވުމުން، ތެޔޮ އުފުލާ ވެހިކަލްތަކުން ބޭރުވާ ދުން މަދުވެ، ވައިގެ ތަޣައްޔަރުކަން ކުޑަވެ، އެޕްރަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޞިއްޙަތަށް ފައިދާވާނޭ ކަމަށާއި ހައިޑްރަންޓް ނިޒާމުގެ ސަބަބުން މަތިންދާބޯޓުގެ ވަށައިގެން އުޅޭ ވެހިކަލްތައް މަދުވެ، ވެހިކަލްތަކުގެ އެކްސިޑެންޓުތަކާއި ތެޔޮ ގެންގުޅުމުގެ ހާދިސާތައް ވެސް މަދުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.



