ކަރަންޓުގެ ޚިދުމަތް ދޭ ތަންތަނުގައި އާރތު ލީކް ސަރކެޓް ބްރޭކަރ (އީއެލްސީބީ) ހަރުކޮށްފައި ހުރިތޯ ޔަގީން ކުރުމަށް ފެނަކައިން ކުރިއަށް ގެންދާ ސާރވޭ ހއ، ހދ އަދި ށ އަތޮޅުގައި ފަށައިފިއެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި މިއީ ރައްކާތެރި ގޮތުގައިކަން ކަރަންޓު ބޭނުން ކުރޭތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސާރވޭއެއް ކަމަށެވެ.
”ކަރަންޓުގެ ޚިދުމަތް ދޭ ތަންތަނުގައި އީ.އެލް.ސީ.ބީ ހަރުކޮށްފައި ހުރިތޯ ޔަގީން ކުރުމަށާއި ކަރަންޓު ބޭނުން ކުރަމުންދަނީ ރައްކާތެރި ގޮތުގައިކަން ޔަގީން ކުރުމަށް ފެނަކައިން ކުރިއަށްގެންދާ ސާރވޭ، ހއ، ހދ އަދި ށ އަތޮޅުގައި ކުރިޔަށް ދަނީ“ ފެނަކައިން ބުނެފައިވެއެވެ.
ހުސްވި އޮކްޓޯބަރު މަހު ފަހު ކޮޅު ފެނަކައިން ނެރެފައިވާ ބަޔާނެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި އީއެލްސީބީ ހަރުކޮށްފައި ހުރިކަން ކަށަވަރު ކުރުމަށް ސާރވޭއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެކުންފުނިން ބުނެފައިވާ ގޮތުގައި މިސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާންމުން ދިރިއުޅޭ ގޭބީސީތަކާއި، އޮފީސްތަކާއި، ވިޔަފާރިކުރާ ތަންތަނާއި، އާންމު ސަރަހައްދުތައް ހިމެނޭ ގޮތަށެވެ.
މީގެއިތުރުން، އީއެލްސީބީ ހަރުކޮށްފައި ހުރުމަކީ ކަރަންޓު ބޭނުންކުރުމުގެ ސަލާމަތީ މިންގަނޑުގެ އަސާސީގޮތުން ފުރިހަމަވާންޖެހޭ، ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކުން ލާޒިމްކުރާ ކަމެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެގޮތުން މިމަސައްކަތުގެ ތެރެއިން މިހާރު ހއ، ހދ އަދި ށ އަތޮޅުގައި މިސާރވޭ ކުރިއަށްދާއިރު، ފެނަކައިން ވަނީ މި ސާރވޭގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދިނުމަށް މީގެ ކުރިން އާއްމުކޮށްފައިވާ ބަޔާނުގައި އެދިފައެވެ.



