މަދަނީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން މަދަނީ އަދުލުގެ ނިޒާމުގެ ހުއްޓި، ކޯޓުގައި މައްސަލަތައް ފުނިޖެހެމުންދާތީ މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބިލެއް ތައްޔާރުކޮށް، ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.
މިއަދު ޖޭއެސްސީ އިން އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޑިސެމްބަރު، 2021 ގައި މަދަނީ އިޖުރާއަތުގެ ގާނޫނު ތަސްދީގުކޮށް، އޭގެ ހަ މަސް ފަހުން 2022 ވަނަ އަހަރު އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ކޯޓުތަކުގައި މަދަނީ މައްސަލަތައް ވަނީ ތޮއްޖެހިފައެވެ.
ޖޭއެސްސީއިން ހާމަކޮށްފައިވާ ގޮތުގައި މިކަމުގެ ސަބަބުން މައްސަލަތައް ލަސްވެ އަދި މައްސަލަތަކުގެ ހުކުމްތައް ތަންފީޒުނުވެ އަދި އެ ނިޒާމަށް ދުވަހަކު ވެސް ކުރިމަތި ނުވާވަރުގެ ދަތިތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.
އޭގެ ސަބަބުން ބޭންކުތަކާއި ވިޔަފާރިތަކާއި އަދި އާއްމު ރައްޔިތުންނަށް ވެސް އަސަރުކޮށްފައިވާކަން ފާހަގަކޮށް ޖޭއެސްސީން ބުނީ އެ މައްސަލަތަކަށް ހައްލެއް ހޯދެން އޮތީ ވަގުތުން އެ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން ކަމަށެވެ.
އެހެންކަމުން، ޖޭއެސްސީގެ އިސްނެގުމުގެ މަތިން މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ޖޭއެސްސީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މަދަނީ އިޖުރާއަތުގެ ސަބަބުން އެންމެ ބޮޑު ހުރަހެއް ޙުކުމްތައް ތަންފީޒު ކުރުމަށް ކުރުމަށެވެ. އެގޮތުން، ކުރިން ގާނޫނު ބައްޓަން ކުރެވިފައި އޮތް ގޮތުން، ފައިސާ ނުދައްކާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ފައިސާ ހޯދުނު ކަމުގައިވީ ނަމަވެސް މިހާރު މަދަނީ އިޖުރާއަތުގެ ދަށުން ދަރަނިވެރިޔާގެ މުދާ ހިފެހެއްޓުން ފިޔަވައި އިތުރު ފިޔަވަޅެއް އެޅޭކަށް ނޯވެއެވެ. މީގެއިތުރުން، އެމީހަކީ މުދަލެއް ނެތް މީހަކު ކަމުގައިވާ ނަމަ ދެން އެޅޭނެ ފިޔަވަޅެއް ވެސް ނޯވެއެވެ. މިކަންކަމާއި މެދު ގާނޫނީ ފަންނުގެ ބޭފުޅުން ގެންދެވީ އަބަދުވެސް އަޑު އުފުލަމުންނެވެ.




