ހުޅުމާލޭ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް، 12 މީހަކު ހިފަހައްޓައިފިއެވެ.
މިފަދަ މައްސަލައެއް ރިޕޯޓު ކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ”ސައުވީސް“ އަށް ޔަގީން ކޮށްދެއްވާފައެވެ. ނަމަވެސް މިވަގުތުވެސް ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާތީ، މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް މިވަގުތު ހިއްސާކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފޭސް2 ގެ އެޗް9 ފްލެޓުގެ އެޕާޓްމަންޓެއްގައެވެ.
ފުލުހުން މިވަގުތުވެސް ސީންގައި ހަރަކާތްތެރިވާތީ މިކަމުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އެހެންކަމުން އެމީހާ ރަހީނުކުރި ސަބަބެއް އަދި ރަހީނުކޮށްފައި ހުރީ ކިހާ ދުވަހެއް ނުވަތަ ވަގުތެއްވަންދެންކަން އަދި އެނގިފައެއް ނުވެއެވެ.
މީހުން ރަހީނުކުރާ މައްސަލަ މިފަހަކަށް އައިސް ދުވަސްކޮޅުކޮޅުން އަންނަނީ ފެންމަތިވަމުންނެވެ. އަދި ގިނަ ފަހަރަށް މިފަދައިން މީހުން ރަހީނުކޮށްގެން ބަހައްޓާފައި ހުންނަނީ ހިޔާ ފްލެޓުތަކުގައިކަން ވެސް ފާހަގަވެއެވެ.



