ޔަހޫދީ އިޒްރޭލު ސިފައިން ޣައްޒާއަށާއި ލުބްނާނަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުން ރޭގައި ވެސް ޣައްޒާއާއި ލުބްނާނަށް ވައިގެ އެތައް ހަމަލާތަކަކާއި ބޮމުގެ ހަމަލާތަކެއް ވެސް ވަނީ ދީފައެވެ. އެހަމަލާތަކުގެ ސަބަބުން އިޒްރޭލުން ވެރިވެގަނެފައިވާ ޣައްޒާގެ އުތުރު އައްސޭރިން 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މީގެއިތުރުން އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި 53 މީހުން މަރުވެ 161 މީހަކު ޒަހަމްވެފައިވާކަމަށް އެޤައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ވަނީ ބުނެފައެވެ.
އިޒްރޭލުން ލުބްނާނަށް ދިން އެ ހަމަލާގައި އ.ދ ގެ އަންރްވާއަށް މަސައްކަތްކުރާ އޮފިޝަލުންތަކެއް ވެސް ވަނީ ޒަހަމްވެފައެވެ. އެއީ މެލޭޝިއާއަށް ނިސްބަތްވާ، ސުލްޙަމަސަލަސް ކަމަށް މަސައްކަތް ކުރާ އޮފިޝަލުންތަކެއް ކަމަށް އ.ދ އިން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހުއްޓުމެއްނެތި އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ މިހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 43،469 މީހުން މަރުވެ، 102،561 މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.



