އެމްސްޓަޑޭމްއަށް ފުޓުބޯޅަ މެޗެއް ބަލަން ގޮސް އިޒްރޭލުގެ ރައްޔިތުންތަކެއް އެތަނުގައި ހަމަނުޖެހުން ހިންގައިފިއެވެ.
އިޒްރޭލުގެ ރައްޔިތުން އެތަނަށް ދިޔައީ އެ ޤައުމުގެ ފުޓުބޯޅަ ކްލަބެއް ކަމުގައިވާ މަކާބީ ތެލަވީވްއާއި އަޖާޒް އެމްސްޓަޑޭމް އިއްޔެ ކުޅުނު މެޗު ބަލާލާށެވެ. ނަމަވެސް އެ މެޗު ފެށުމުގެ ކުރިން، ވެލެންސިއާގައި މަރުވި މީހުންގެ ހަނދާނުގައި، ބޭއްވި ސުކޫތުގެ ވަގުތުކޮޅުގައި އިޒްރޭލުގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށް ޢަރަބީން ނައްތާލުމަށް ގޮވާލާފައެވެ.
އެކަމުގެ ސަބަބުން ހަމަނުޖެހުން އުފެދި ދެބައިމީހުންގެ މެދުގައި ކުރިމަތިލުމެއް ވަނީ އެއިރުވެސް ގޮސްފައެވެ.
މީގެއިތުރުން އިޒްރޭލުގެ ސަޕޯޓަރުން ވަނީ ހުއްދައަކާ ނުލައި އެ ސްޓޭޑިއަމްގައި ފަޓާސް ވެސް ގޮއްވާފައެވެ. އެކަމުގެ ސަބަބުން އެތަނުގައި ތިބި އެހެން މީހުންނަށް އުނދަގޫވެ، ފުލުހުން އެވަގުތު އެތަނަށް ގޮސް އިޒްރޭލުގެ ސަޕޯޓަރުން ހުއްޓުވިއެވެ. އަދި ފަޓާސް ގޮއްވުމުގެ ހުއްދައަކާ ނުލައި އެކަން ނުކުރުމަށާއި އާންމުން ތިބޭ ތަންތަނުގައި އެފަދައިން އެހެން މީހުންނަށް އުނދަގޫވާނެހެން ފަޓާސް ގޮއްވުމަކީ މަނާކަމެއް ކަމުގައި ބުނެ ފުލުހުން ވަނީ އިޒްރޭލު ސަޕޯޓަރުންގެ ބަޔަކު އެތަނުން ބޭރުވެސް ކޮށްފައެވެ.
ހަމަނުޖެހުން އިތުރަށް ހޫނުވީ މެޗުން އިޒްރޭލުގެ މަކާބީ ތެލަވީވް ބަލިވުމުންނެވެ. އެގޮތުން އިޒްރޭލުގެ ސަޕޯޓަރުން ވަނީ މަގުތައްމަތީގައި އެމްސްޓަޑޭމްގެ ބައެއް ސަޕޯޓަރުންނަށް ފުރަތަމަ ހަމަލާ ދީފައެވެ. އޭގެ ރައްދެއްގެ ގޮތުގައި އެމީހުން ވެސް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެއެވެ.
އެކަމުގެ ސަބަބުން އިޒްރޭލުގެ ގިނަ ރައްޔިތުން ޒަހަމްވުމުން، އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ވަނީ އެމީހުންނަށް އެހީތެރިވުމަށް ބޭހާއެކު ވައިގެ އުޅަނޑުތަކެއް އެމްސްޓަޑޭމަށް ފޮނުވާފައެވެ. އަދި ވީއެންމެ އަވަހަކަށް އެނބުރި ޤައުމަށް ދިޔުމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.



