ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ހެލްތު އެކްސްޕޯ 2024 ރޭގައި ހުޅުއްވައިދެއްވައިފިއެވެ.
ހެލްތު އެކްސްޕޯ 2024 އަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމުކުރައްވައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ހެލްތު އެކްސްޕޯ 2024 ފެށުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭގައި އޮތް ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޞިއްޙީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ ވަނަވަރު ހިމެނޭހެން ތައްޔާރުކޮށްފައިވާ ”ހަފުތާ 52“ އާންމުކޮށްދެއްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ހެލްތު އެކްސްޕޯ 2024 ގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. ހެލްތު އެކްސްޕޯ 2024ގައި، ޞިއްޙީ ދާއިރާގެ އެކިއެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު މި އެކްސްޕޯގައި ގާއިމުކޮށްފައިވާ 50 ސްޓޯލަކުން، އާންމުންނަށް މައުލޫމާތު ލިބޭނެ އިންތިޒާމު، ޞިއްޙަތާބެހޭ ވުޒާރާއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.



