ހުޅުމާލޭ ފޭސް 2 ގައި ހިމެނޭ ހިޔާ ފްލެޓުގެ ބައެއް އެޕާޓްމަންޓުތަކަކީ ކުށުގެ ހާއްޔެއް ކަމަށާއި އެތަންތަނުގެ ވެރިންނާއި ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ނުލިބިއްޖެނަމަ އެފަދަ އެޕާޓްމަންޓުތައް ނެގުމުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ ފޭސް 2 ގެ ހިޔާ9 ވަނަ ޓަވަރުގެ 20ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި 12 މީހުންގެ ގޭންގަކުން ރޭގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރަން އުޅުނު މައްސަލަ ފެންމަތިވުމުންނެވެ. އެނގިފައިވާ ގޮތުގައި އެމީހުންވަނީ ރަހީނު ކުރި މީހާގެ ބޯވެސް ބާލައިފައެވެ. އަދި ފުލުހުންނަށް އޭނާ ސަލާމަތް ކުރަން އެތަނަށް ދެވުނުއިރު އެމީހުން ތައްޔާރުވެގެން ތިބީ ރަހީނު ކުރި މީހާގެ އިނގިލިތައް ބުރިކުރަން ކަމަށް ވެސް އެނގިފައިވެއެވެ.

ފުލުހުން ރޭގައި ހިންގި މި އޮޕަރޭޝަންގައި ސީންއަށް ވަޑައިގެން ”ސަންގު ޓީވީ“ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވިއްކާ މީހުންގެ މައްސަލަތައް މިހާރު ވަނީ އިންތިހާ ދަރަޖައަށް ބޮޑުވެފައި ކަމަށެވެ. އަދި މިފަދަ ކަންކަމަށް ދާއިމީ ހައްލެއްގެނެސް ދެއްވާ ރާއްޖެއަކީ ރައްޔިތުންނަށް ފަސޭހަކަމާއެކީ ދިރިއުޅެވޭނެ އަމާން ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމުގައި ވެސް ހޯމްލޭންޑް މިނިސްޓަރު ވިދާޅުވިއެވެ.
”ފުލުހުން ކުށްކުރާ ފަރާތްތަކާ ދޭތެރޭގައި ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަދުގެ ސަރުކާރަށް ވަރަށް މުހިންމު ކަމެއް“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ އިހުސާން އިތުރަށް ވިދާޅުވީ ބައެއް ފްލެޓްތަކާއި ކުއްޔަށް ހިފާފައިވާ ބައެއް ތަންތަނަކީ ތަކުރާރުކޮށް ކުށްކުރުމަށް ބޭނުން ކުރަމުންދާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަން ކަމަށެވެ. އަދި އެފަދަ ތަންތަނުގެ ވެރިންނާއި ވާހަކަ ދައްކާނެ ކަމަށާއި ތަކުރާރުކޮށް އެފަދަ ކަންކަން ދިމާވާ ނަމަ ގާނޫނުގެ ތެރެއިން ދައުލަތަށް ތަންތަން ނަގައިގެން ހައްލެއް ލިބެން އޮތް ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



