ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓު އެޗް9 ގައި މީހަކު ރަހީނު ކުރުމުގެ ހާދިސާގައި ފުލުހުންނަށް އެމީހާ ސަލާމަތް ކުރެވުނީ އޭނާގެ އިނގިލިތައް ބުރިކުރަން ތައްޔާރުކޮށްފައި ވަނިކޮށްކަން ހާމަވެއްޖެއެވެ.
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ރޭ ހިޔާ ފްލެޓުގެ އެޗް9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުންނަ އެ އެޕާޓްމަންޓަކީ ޑްރަގް މައްސަލަތަކުގައި މީގެކުރިން ވެސް ފުލުހުން ބަލައިފާސްކޮށްފައިވާ އެޕާޓްމަންޓެއްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ރޭގައި ހިނގި މިހާދިސާއަކީ ވެސް ޑްރަގާއި ނުވަތަ ފައިސާއާ ގުޅިގެން ހިނގާފައިވާ ކަމެއްތޯ ބުނަން އެނގޭނީ އެ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ރޭގައި ވަނީ ވިދާޅުވެފައެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި އެއެޕާޓްމަންޓުގެ ދޮރު ހަލާކު ކޮށްލައިގެން ފުލުހުން ވަދެ ރަހީނު ކޮށްފައި އިން މީހާ ސަލާމަތް ކުރިއެވެ. ނަމަވެސް އެވަގުތު އޭނާގެ ބޯ ހުރީ ތުނިކޮށް ކޮށާފައި ކަމަށާއި އަދި އޭނާގެ އިނގިލިތައް ވެސް ވަޅިން ބުރިކުރަން ތައްޔާރުކޮށްފައި ހުރިކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ރޭގައި ވަނީ އެމީހާ ރަހީނުކޮށްގެން އެޢަމަލު ހިންގަން އެތަނުގައި ތިބި ގޭންގުގެ 12 މީހަކު ހައްޔަރު ކޮށްފައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދޭން އިނގޭނީ ފުލުހުންގެ ތަހުގީގަށްފަހު ކަމަށެވެ.



