ޚިޔާނާތުގެ މައްސަލައެއްގެ ތުހުމަތާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އެ މަގާމުން ސަސްޕެންޑު ކޮށްފިއެވެ.
އޭސީޕީ އާސިފް ސަސްޕެންޑު ކޮށްފައިމިވަނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ.އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. މިމައްސަލަ ފެންމަތިވީ މިދިޔަ ޖުލައި މަހުގައެވެ. މި ޚިޔާނާތުގެ މުގުލުގައި ހުންނެވީ އާސިފު ކަމަށް ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ވަނީ ތުހުމަތު ކޮށްފައެވެ.
ކަރެކްޝަންސް އިން މުވައްޒަފުންނަށް ފޮނުވި އެންގުމެއްގައި ބުނެފައިވާ ގޮތުގައި އާސިފު އެމަގާމުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެއިން ފެށިގެން ކަރެކްޝަންސްގެ ހިއުމަން ރިސޯސް ސެކްޝަންގެ ހުއްދަ ނެތި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މި ސާވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަކީ މަނާކަމެއް ކަމުގައި ވެސް އެ އެންގުމުގައި ބުނެފައިވެއެވެ.
ކަރެކްޝަންސްގެ މި އެންގުމާ ޚިލާފަށް އާސިފް އެތަނުގެ އެއްވެސް އިމާރާތަކަށް ވަދެއްޖެނަމަ އެކަން އެޗްއާރްއަށް އެންގުމަށް ވެސް އެ އެންގުމުގައި ބުނެފައިވެއެވެ.




