ރައްޔިތުން ކަންބޮޑުވާން ޖެހޭ ބަދަލެއް އާސަންދަ ނިޒާމަށް ނާންނާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު އެކްސްޕޯ 2024 ހުޅުވުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ޤައުމެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ ދުޅަހެޔޮ އާބާދީއެއް އޮތުން ކަމަށާއި އެހެންކަމުން އަބަދު ބަލިމަޑުކަމެއްގެ ފަހަތުން ދުވެވެން ނެތް ސިއްޙީ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.
”އެގޮތަށް ދުވާކަމަށްވަންޔާ އަޅުގަނޑުމެންގެ ސިއްޙީ ނިޒާމު ވާނީ ވަރުބަލި. އެ ބަލި މަޑުކަމާއި އެއްވަރަށް ފައިހަމަ ނުކުރެވޭނެ ނިޒާމަކަށް. ނަތީޖާއެއްގެގޮތުގައި އަދުގެ ސަރުކާރުން ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އަޅަން ޖެހޭ އުދަނގޫ ފިޔަވަޅުތައް އަޅަމުން.“ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އާސަންދަ ނިޒާމަ ހަރުދަނާ ބަދަލުތައް ގެނެސްގެން މެނުވީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ރަނގަޅުގޮތުގައި ފޯރުކޮށް ނުދެވޭނެކަމަށެވެ.



