ބަނގުރާފުޅިތަކަކާއެކު ތިން ބިދޭސީން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާަޅުވީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ ދެ ރައްޔިތުން ކަމަށްވާ ބިކާރާ ކުމާރު (24އ) އަދި އަކިލޭޝް ކުމާރު (27އ) އާއި ނޭޕާލުގެ ރައްޔިތެއް ކަމަށްވާ އުމާކަންތު ޗޯދަރީ (35އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މަގުމަތިން ޕިކަޕެއް ހުއްޓުވައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




