ގެދޮރު ބިނާ ކުރުމަަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ހިޔާވަހި ފައިނޭންސިންގް ސްކީމްގެ ދަށުން ބޯހިޔާވަހިކަމުގެ ލޯނަށް އެދުމަށް މިއަދު ހުޅުވާލައިފިއެވެ.
އަލަށް ގެދޮރު އިމާރާތްކުރިމަށާއި މަރާމާތުކުރުމަށް އަދި ހަދަން ފަށާފައި ނުނިމިހުރި ތަންތަން އިމާރާތް ކުރުމަށް %5 އިންޓަރެސްޓާއެކު ލޯނު ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން އެއް ވައުދެވެ.
އެވައުދުފުޅުގެ ދަށުން ”ހިޔާވަހި ފައިނޭންސިންގް ސްކީމް“ މިދިޔަ އަންގާރަ ދުވަހު ރައީސް ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.
އެސްކީމްގެ ދަށުން ހައުސިންގް މިނިސްޓްރީން މިއަދު ވަނީ، މިއަދުން ފެށިގެން އަންނަ އަހަރުގެ އޭޕްރިލް މަހުގެ 8ވަނަ ދުވަހާ ހަމައަށް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެގޮތުން މި ލޯނަށް އެދެވޭނީ ”ހިޔާވަހި ޕޯޓަލް“ މެދުވެރިކޮށެވެ.



