ސްކޫލް ކުއްޖެއްގެ ދަބަސް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ މިމަހުގެ 5 ވަނަ ދުވަހުގެ 08:48 ހާއިރު އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި އިން ސްކޫލް ދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) ކޯޓު އަމުރުއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް (އެތެރޭގައި ހުރި ތަކެއްޗާ އެކު) ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މާޖިދުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.




