ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންގެ ޔޫނިއަން ފުޓްސަލް ފިއެސްޓާ 2024 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އެގޮތުން މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗުގައި، މޯލްޑިވްސް ބިޒްނަސް ސްކޫލާއި އެމް.އެން.ޔޫ.ގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް ބައްދަލުކުރި މެޗު ކާމިޔާބު ކުރީ މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. އަދި މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލްގެ އެމް.އައި. ކޮލެޖާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ބައްދަލުކުރި މެޗު ކާމިޔާބުކުރީ އެމް.އައި. ކޮލެޖުންނެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗުގައި، މޯލްޑިވްސް ބިޒްނަސް ސްކޫލާއި އެމް.އެން.ޔޫ.ގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް ބައްދަލުކުރި މެޗު ކާމިޔާބު ކުރި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ ޓީމަށް ޓްރޮފީއާއި މެޑަލް ދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢުއެވެ.
ނައިބު ރައީސް ވަނީ މި މުބާރާތުގެ ފައިނަލް މެޗުގައި ބޭނުންކުރި ބޯޅައިގައި ސޮއިކުރައްވައި، މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލްގެ އެމް.އައި. ކޮލެޖާއި ފެކަލްޓީ އޮފް އެޑިއުކޭޝަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދި އެމް.އައި. ކޮލެޖުގެ ޓީމަށް ޓްރޮފީއާއި މެޑަލްދެއްވާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވީތީ އެމް.އެން.ޔޫ.ގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ޝުކުރުގެ ޚާއްސަ ފިލައެއް ވެދުމަށް އަރުވާފައެވެ.



