ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ޑރ. ޒާހިރަށް މި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މި ޝަރަފު ޑރ. ޒާހިރަށް އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ. އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. މީގެއިތުރުން، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް އެ ޖަލްސާގައި، 53 ބޭފުޅަކަށް ދެއްވާނެއެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.



