ރާއްޖެއަށް އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން ލަފާ ކޮށްފިއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އެބަޖެޓުގައި އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ސަރުކާރުން މިއަހަރު ލަފާކޮށްފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށްފައިމިވަނީ މިއަހަރަށްވުރެ ދެ ލައްކަ އިތުރު އަދަދެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ންނަ އަހަރުތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވެއެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އައު ފިއުލް ފާމަކާއި ފިއުލް ހައިޑްރަންޓް ސިސްޓަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައިދެއްވާފައެވެ. މިއީ ވީއައިއޭގެ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.




