އިހަވަންދިއްޕޮޅުގައި ”މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު“ގެ ޕޯޓު ތަރައްޤީކޮށް، މަޝްރޫޢާއި ގުޅުންހުރި އިތުރު މަސައްކަތްތައްކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއިކޮށްފައިވާ މިއެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ސޮއިކުރައްވާފައިވާއިރު، ސީއޭއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ޓަން ކުން ޗިއާއޯ ޖޯޖެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މިއީ ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، މިއެއްބަސްވުމުގެ ދަށުން، އިހަވަންދިއްޕޮޅު ސަރަހައްދު ވިޔަފާރި އާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލު ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެ ކަމަށް ވެސް މިނިސްޓްރިން ބުނެފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ މިކަމުގެ ރަސްމީ އެއްބަސްވުމެއްގައި ކުރިއަށް އޮތް 6 މަސްދުވަހުގެތެރޭގައި ސޮއިކުރެވިގެންދާނެ ކަމަށާއި މިއެއްބަސްވުމާއިއެކު، 100 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުނީގެ ފަރާތުން ފެށުމަށް ވާހަކަދެކެވިފައިވާކަމަށެވެ.
”މި މަޝްރޫޢުގެ މަސައްކަތްތަކަށް ފަންޑުކުރާނީވެސް އެ ކުންފުނިން، ބިންހިއްކާ، ޕޯޓާއި، ކީވޯލްތައް ތަރައްޤީވެ، ފަތުރުވެރިކަމުގެ މަޝްރޫޢުތަކާއި، ވެއަރ ހައުސްތަކުގެ އިތުރުން ރިއަލް އެސްޓޭޓުތައްވެސް ފުރުޞަތު އޮންނާނެ“ ޝިމާދު ވިދާޅުވިއެވެ.
މީގެއިތުރުން، ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޓަން ކުން ޗިއާއޯ ޖޯޖް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އިހަވަންދިއްޕޮޅުގައި ގިނަ ޚިދުމަތްތަކެއް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުން ކަމަށެވެ.
”ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތް، ބަންކަރިންގ، ކުރޫޒު ޓޫރިޒަމް، އަދި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު މަސައްކަތްތައް، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއްވެސް ތަރައްޤީކުރާނަން،“ ޖޯޖް ޓޭން ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޤްޞަދުގައި ޙާއްސަ މެންޑޭޓަކާއި އެކު ސަރުކާރު ހިއްސާވާ 5 ކުންފުންޏެއްގެ މައްޗަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ކުންފުންޏެކެވެ.



