ރާއްޖޭގައި 5 ތަރީގެ ރިސޯޓެއް ތަރައްގީކޮށް ހޮޓެލް ސްކޫލެއް ގާއިމްކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ރިސޯޓެއް ތަރައްގީ ކުރުމަށް ޤައުމީ ޔުނިވަރސިޓީއާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ލ. މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި ފަސް ތަރީގެ ރިސޯޓެއް ތަރައްގީ ކުރުމުގެ ފަހުމުނާމާގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު އިބްރާހީމް ފައިޞަލް ސޮއިކުރައްވާފައިވާއިރު، މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަދި ދާއިރާގައި ގިނަ އަހަރު ތަޖުރިބާ ލިބިފައިވާ މީހުންނަށް ރަނގަޅު ފުރުޞަތެއް ކަމަށާއި، މިފަދަ ރިސޯޓެއް ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މީގެއިތުރުން، ޓޫރިޒަމް ސިނާއަތުގެ ތެރެއިން ދިވެހިންނަށް މަންފާ އެންމެ ރަނގަޅަށް ލިބޭނެ ގޮތަކަށް މިސިނާއަތު ބައްޓަންކުރުމަކީ މިއަދު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދިވެހިންނަށް ލާބަ އާއި މަންފާ އެންމެ ރަނގަޅަށް ލިބޭނެ ގޮތަށް ޓޫރިޒަމް ސިނާއަތް ބައްޓަން ކުރެއްވުމަކީ ރައީސް ޑރ. މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމަށެވެ.
”ރައީސްގެ ވިސްނުން ހުރި ގޮތުން އަޅުގަނޑުމެން ބޭނުންވަނީ ތަމްރީނު ދޭ ރިސޯޓުގައި ތިބެގެން ކިޔަވާއިރު އެތަނުގައި ކިޔަވާ މީހުން ފަތުރުވެރިންނަށް ހިދުމަތް ދެމުންވެސް ދާނެ. އަދި އެކި ޑިޕާޓްމަންޓްތަކުގައިވެސް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ“ ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޝެހެނާޒް ވާހަކަދައްކަވާ ވިދާޅުވީ ޤައުމީ ޔުނިވާސިޓީން ހުޅިމެންދޫގައި ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލެއް ގާއިމްކުރުމަށް ފަށާ މި މަސައްކަތާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރާ މަސައްކަތަކައް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
”ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމާއި ލ. ހުޅިމެންދޫގެ ޤުދުރަތީ ތިމާވެށި ރައްކާތެރިކަމަށް އިސްކަން ދިނުން. ވަޒީފާގެ ފުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ. ދިވެހި ސަޤާފަތާއި އާދަކާދަތައް ދެމެހެއްޓުމާއި އަމަލީ ތަޖުރިބާއާއެކު ފަތުރުވެރިކަމުގެ ޒާމާނީ ހުނަރުތައް އުނގަންނައިދިނުން، އަމާޒަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމީ މަރުކަޒަކަށް ހެދުން. ފަތުރުވެރިކަމުގެ ދާއިރާގެ ޚާއްސަ ދިރާސާތައް މަރުކަޒުގައި ކުރިއަށް ގެންދާނެ“ ޝެހެނާޒް ވިދާޅުވިއެވެ.
ޝެހެނާޒް އިތުރަށް ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާއިރު އަސާސީ ވަކި ކަންތައްތަކެއް ފާހަގަކޮށް އިސްކަން ދެވޭނެ ކަމަށާއި، މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތައުލީމީ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކާ ހަމަކުރާނެ މަޝްރޫއެއް ކަމަށެވެ.




