ރާއްޖޭގެ ހަތް ރަށެއްގައި އަރބަން ސެންޓަރު ގާއިމު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައެޅުއްވުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާރބަން ޑެވެލޮޕްމެންޓުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ވަނީ ރައީސް މުޢިއްޒުގެ ރިޔާސީ އެއް ވައުދުފުޅާ އެއްގޮތުގެ މަތިން އަރބަން ސެންޓަރު ގާއިމު ކުރާނެ ހަތް ރަށެއް އިއުލާނު ކޮށްފައެވެ. އެއީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ އަދި ލ. ފޮނަދޫ އެވެ.
މިކަން ހާމަކުރުމާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެކި ވާހަކަތަށް މިކަމާ ގުޅޭގޮތުން މީސްމީޑިއާގައި ފަތުރާފައެވެ.
އެގޮތުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަރބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި، ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައި މިވާ ސަބަބު އެސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
މިފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށާއި އަރބަން ސެންޓަރގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަޤްޞަދަކީ ލާމަރުކަޒީ ނިޒާމުން ރަށް ރަށް ހިންގުމުގެ ނިޒާމުން އެރަށްތައް ވަކިކޮށް މާލޭން ހިންގަންފެށުން ކަމުގައިވެގެން ނުވާނެ ކަމަށް ވެސް ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.
މިކަންކަމަށް ރައްދުދެއްވާ ރައީސް މުޢިއްޒު މިއަދު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ މެނިފެސްޓޯގައި (ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި) ވަރަށް ސާފުކޮށް ބަޔާންކޮށް އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އެމަނިކުފާނު ބަޔާންކޮށްފައިވާ ފަދައިން، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަން ގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދްމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީ ކުރުން އަދި އޭގެ އިތުރަށް 7 އަރބަން ސެންޓަރު (މާލެއިން އުތުރުން 3، މާލެއިން ދެކުނުން 4) ތަރައްޤީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
”އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަން“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކަންކަމުގެ ހަގީގަތް ނުބައްލަވާ ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން ވެސް، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.


