ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުކުރާނެ ގޮތުގެ އުސޫލަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ އުސޫލުގައި ”ދަތުރުވެރީން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު“ ބަޔާންކޮށްފައިވާ ގޮތުގައި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތީން ޑިއުޓީ މާފުކޮށް ދޫކުރެވޭނީ ކަސްޓަމްސްއިން ކަނޑައަޅާފައިވާ އެފް.އޯ.ބީ އަގުން 000’10 ރުފިޔާގެ ތަކެއްޗެވެ.
މިއުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި މީގެތެރޭގައި ބިދޭސީންގެ ނަމުގައި ގެންނަ ތަކެތި އިސްތިސްނާވާނެއެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން އަންނަ މީހުން ގެންނަ ތަކެތީގެ ތެރެއިން އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅާން ނުޖެހޭނެ ކަމަށް ވެސް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި އެމީހަކު ރާއްޖެއިން އައި ފްލައިޓުން ގެންނަ ތަކެތި، ބޭނުންކުރަން ގެންނަ އަންނައުނު ފަދަ ތަކެތި ހިމެނެއެވެ.
އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި މިތަކެތީގެ އިތުރުން، އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތިން ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގުން 000’10 ރުފިޔާގެ ތަކެތި ޑިއުޓީ މާފުކޮށް ދޫކުރެވޭނެއެވެ.
އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މާފު ކުރުމުގައި ބަލާނެ ގޮތް މިއުސޫލުގައި ބަޔާންކޮށްފައިވާއިރު، މުދަލަށް ނުވަތަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ ޖުމްލަ އެފް.އޯ.ބީ އަގު 000’10 ރުފިޔާއަށްވުރެއް ބޮޑު ނަމަ، އެތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންވާނޭ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ މުދަލުން ޑިއުޓީ ނަގާނީ، ޑިއުޓީ ދައްކަން ކަސްޓަމްސްއިން ކަނޑައަޅާފައިވާ އެފް.އޯ.ބީ 000’10 ރުފިޔާ އުނިކުރުމަށްފަހު ބާކީ އަންނަ އަދަދުން ކަމަށް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، މުދަލަށް ނުވަތަ ޝިޕްމެންޓަށް ކަސްޓަމްސްއިން ކަނޑައަޅާ އެފް.އޯ.ބީ އަގު 000’10 ރުފިޔާއަށް ވުރެއް ކުޑަނަމަވެސް، އެތަކެތީގެ އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ އަމިއްލަ ކުދިކުދި ބޭނުންތަކަށް ދޫކުރެވޭވަރަށް ވުރެއް ގިނަ ތަކެތިކަމަށްވާ ނަމަ ގުޑްސް ޑިކްލަރޭޝަން ހުށަހަޅައި ޑިއުޓީ ދައްކަންވާނޭ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މިއުސޫލުގެ ދަށުން ޑޮކްޓަރުގެ ބޭސްސިޓީއާއެކު، އަމިއްލަ ފަރުދުންގެ ބޭނުމަށް ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަށް ގެންނަ ބޭސް އެތަކެތީގެ އަގަށް ރިއާޔަތް ކުރުމެއް ނެތި ދޫކުރެވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ވިޔަފާރި މުދަލުގެ ގޮތުގައި ނުބެލެވޭކަމަށް މިއުސޫލުގައި ބަޔާންކޮށްފައިވާ ތަކެތި ޑިއުޓީ މާފުކޮށް ދޫކުރެވޭނެ ކަމަށް މިއުސޫލުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ކޮމާޝަލް ވެލިއު ނުހުންނަ ލިޔުންތަކާއި، އެކަކު އަނެކަކަށް ފޮނުވާ ޑޮކިއުމެންޓްސްތައް ފަދަ ތަކެތި އަދި، އާއްމުކޮށް ހިލޭ ބެހުމަށް ގެންނަ އެކި ބާވަތްތަކުގެ ލީފްލެޓް ފަދަ ތަކެތި އަދި ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެނެވޭ ތަކެތި ހިމެނެއެވެ.
މިއުސޫލުގައި ޑިއުޓީ އަދި އިނާޔަތް ދިނުމުގައި އިސްތިސްނާވާ ތަކެތި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި، ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލަތްތަކާއި، ޕްލާސްޓިކް ކޮތަޅާއި، އެނާޖީ ޑްރިންކްގެ އިތުރުން އެއްގަމު އުޅަނދުފަހަރާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ހިމެނެއެވެ.



