އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިމާދު ވިދާޅުވީ ބަންކަރިން ހިދުމަތަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން މެރިން ބެލާ މާލެ ކައިރިއަށް އައީ އޯޑަރަކަށް ތެޔޮ ޑެލިވެރީކޮށްދިނުމަށް ކަމަށާއި، މި ހިދުމަތުގައި ދެން ބޭނުންކުރާ މެރިން އެންޖެލްސް ނަމަކަށް ކިޔާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައި އޮތީ ރޫޓިންކޮށް ކުރަންޖެހޭ މަރާމާތެއް ކުރުމަށް ކަމަށެވެ.
ޝިމާދު މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ’އަދަދު‘ ނޫހުން ބަންކަރިންގެ ހިދުމަތް ދޭން އުތުރުގައި ބާއްވާފައި އޮތް ދެ ބޯޓު މާލޭ ސަރަހައްދަށް އައުމުން ބަންކަރިން ހިދުމަތާއި ގުޅޭގޮތުން ސުވާލުތަކެއް އުފައްދާ މިއަދު އާންމުކުރި ހަބަރަކާއި ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝިމާދު އިތުރަށް ވިދާޅުވީ މާލެ ސަރަހައްދަށް ރޫޓިން މަރާމާތަކަށް އެ ބޯޓު އަންނަން ޖެހެނީ އިހަވަންދިއްޕޮޅުގައި އެފަދަ މަރާމާތުކުރުމަށް ބޭނުންވާ ވޯކްޝޮޕުތައް ގާއިމުކުރެވިފައި ނެތުމުން ކަމަށެވެ.
ބަންކަރިން ހިދުމަތް ނުހުއްޓި ކުރިއަށްދާކަން ފާހަގަކުރައްވާ ޝިމާދު ވަނީ މިފަދަ މުހިއްމު އިންވެސްޓުމެންޓުތަކާ ގުޅޭގޮތުން ހަބަރުތައް ލިޔާއިރު، ސަމާލުވެ، ތެދު ޚަބަރު ގެނެސްދިނުމަށް އެދިފައެވެ.
ބަންކަރިންގެ ހިދުމަތް ފުރަތަމަ ރާއްޖޭގައި ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހއ. ހޯރަފުށީގައެވެ.




