އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމުތައް ކަމަށްވާ ”ބަވަތި“ އަދި ”ނީނާ“ ގެ އުފެއްދުންތެރިން ގެނެސްދޭ ”ދޭދަރު ރުއިން“ ގެ ޓިކެޓު މިހާރު އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ. ޓިކެޓެއްގެ އަގަކީ 150 ރުފިޔާއެވެ.
މި ފިލްމަކީ ކޮރިއޯގްރަފްކޮށްފައިވާ ފައިޓް މަންޒަރުތައް ހިމެނޭ ވަރުގަދަ އެކްޝަން ކްރައިމް ޑްރާމާއެކެވެ.
”ދޭދަރު ރުއިން“ އަކީ އިންސާނުން ޓްރެފިކް ކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައަށް އަލިއަޅުވާލާ ފުރަތަމަ ދިވެހި ފިލްމެވެ. އަދި މިއީ ރޭވިގެން ކުރެވޭ ކުށްތަކާއި، ގެވެށި އަނިޔާއާއި، ކުޑަކުދިންނަށް ނުރައްކާވުމާއި، ކުޑައިރު ލިބޭ ނަފްސާނީ ޓްރޯމާއަށްވެސް މި ފިލްމުގައި އަލިއަޅުވާލައެވެ.
މި ފިލްމުން ދައްކުވައިދެނީ އެންމެ ދުވަހެއްގެ ތެރޭގައި މި ހުރިހާ މައްސަލަތަކެއް ކުރިމަތިވެ އެކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކެވެ.
އައްޒާމް ލިޔެ ޑައިރެކްޓު ވެސް ކޮށްފައިވާ ”ދެދަރު ރުއިން“ ރިލީޒް ކުރަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ.
މިފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ހިމެނެނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، އަދި ގިނަ ފިލްމުތަކާ ސީރީޒްތަކުން ވެސް މިހާރު ފެންނަމުންދާ ކުޅަދާނަ ތަރި ސަރަފް ޢަބްދުﷲ އެވެ. އޭނާއާކު ދެން ފެނިގެންދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް އޭނާގެ ހުނަރު ދައްކާ ފުރިހަމައަށް ދައްކާ ދީފައިވާ މައިހާ އާދަމް އެވެ.
މިދެތަރިންގެ އިތުރުން ހާޒިފް މުޙައްމަދުގެ ވަރަށް ތަފާތު އެކްޓިންގެއް ވެސް މި ފިލްމުން ފެނިގެން ދާނެއެވެ. އަދި އަލަށް ދާއިރާއަށް ތަޢާރަފްވާ މޫސާ ރަޝީދުއާއި ޝްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ސުޝްމާ ސުބޭދީގެ ކުޅަދާނަ އެކްޓިންގް ވެސް ފެނިގެންދާނެއެވެ.
މި ފިލްމުގެ ސިނަމަޓޮގްރަފީ ހަދާދީފައިވަނީ އިސްމާޢީލް ޔާނިމް (އޮކްނޯ) އެވެ. އަދި އެޑިޓިންގްގެ މަސައްކަތް ކޮށްފައިވަނީ އާދަމް ޝިނާދު އެވެ. ފިލްމުގެ ސައުންޑް އަދި ކްރޫއަކީ ވެސް އޮކްނޯއެވެ. އަދި ބެކްގްރައުންޑް މިއުޒިކު ހަދާދީފައިވަނީ ފައްޗުއެވެ. ކާސްޓުންގެ މޭކަޕް ކޮށްފައިވަނީ ކުޅަދާނަ މޭކަޕް އާޓިސްޓުން ކަމަށްވާ ސޭންޑީ އަދި ރުތުބާ އަޙްމަދުއެވެ.
”ދޭދަރު ރުއިން“ ގެ ޓްރެއިލަރ މި މަހުގެ 6 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު ޓްރެއިލަރުން ފެންނަނީ ވަރަށް ބިރުގަނެ ހާސްވެފައިވާ އަންހެނަކު މަދަދަށް އެދި އާދޭސް ކުރާ މަންޒަރެވެ. ފިލްމުގެ ކެރެކްޓަރުންނަށް ދިމާވެފައިވާ ހާސްކަން ޓްރެއިލަރުން ވެސް ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވެއެވެ.




