އިޒްރޭލުގެ ޔަހޫދީ ސިފައިން ހައްޔަރު ކުރި ޣައްޒާގެ ތިން މީހަކު ދޫކޮށްލުމަށްފަހު މަރާލައިފިއެވެ.
އިޒްރޭލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި އިއްޔެ ވެސް ވަނީ އެޤައުމުގެ 44 މީހަކު މަރާލާފައެވެ. އޭގެ ތެރޭގައި މި ތިން މީހުންވެސް ހިމެނެއެވެ.
އިންސާނިއްޔަތާއި ބައިނަލްއަގުވާމީ ޤާނޫނުތަކާ ވެސް ޚިލާފަށް އިޒްރޭލުން ދެމުންގެންދާ މިހަމަލާތަކުގައި އިއްޔެ ވެސް ބޯހިޔާވަހިކަން ހޯދުމަށް ޓެންޓުތަކުގައި ތިބި ރައްޔިތުންނަށް އަނިޔާކޮށް އެތަންތަނަށް ވަދެ ހަމަލާ ދީފައިވެއެވެ. އަދި ޣައްޒާގެ ސްކޫލުތަކަށާއި އާންމު ރައްޔިތުންގެ އިތުރުން ނޫސްވެރިންތަކަކަށް ވެސް ހަމަލާދީ މަރާލާފައިވެއެވެ.
ޣައްޒާގެ އިތުރުން އިޒްރޭލުން އަންނަނީ ލުބްނާނަށް ވެސް ހަމަލާ ދެމުންނެވެ. އެގޮތުން ލުބްނާނުގެ 31 މީހަކު އިއްޔެ މާރާލާފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ ޚިދުމަތްތެރިންނާއި އ.ދ ގެ އަންރްވާގެ އޮފިޝަލުންތަކެއް ވެސް ހިމެނިގެންވެއެވެ.
މީގެއިތުރުން އިޒްރޭލު ސިފައިންތަކެއް ވަނީ ލުބްނާނުގެ ދިދައެއްގައި އަލިފާން ރޯކޮށްލާފައެވެ. މިއީ އެމީހުންގެ އަމުރުތަކާ ޚިލާފަށް ކުރި ކަމެއް ކަމަށް އިޒްރޭލު ސިފައިންގެ ތަރުޖަމާނު ބުނެފައިވެއެވެ. އަދި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެމީހުންނާމެދު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.



