ރަށްރަށުގައި އަރބަން ސެންޓަރުތައް ކަނޑައެޅީ މަދުވެގެން 10،000 މީހުންގެ އާބާދީތަކަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް ގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އަރބަން ސެންޓަރުތައް ކަނޑައެޅީ މަދުވެގެން 10،000 މީހުންގެ އާބާދީތަކަށް ބަލައިގެން ކަމަށާއި އެ އަށް ވުރެ މީހުން އިތުރުވެއްޖެ ނަމަ އިތުރު ހިދުމަތްތައް ފުޅާވާނެ ކަމަށެވެ.
”މުޅި ރާއްޖެ އަށް ފެތުރިފައި އޮންނަ ގޮތަކަށް ނުހަދައިފި ނަމަ އެއް އަރބަން ސެންޓަރާއި އަނެއް އަރބަން ސެންޓަރާ ދޭތެރޭ އޮންނަ ދުރުމިން، ދުރުވީމާ ކޮން ތަނަކުން ކޮން ހިދުމަތެއްކަން ހޯދަން ދާނީ؟ ނޫނީ ހިޖުރަ ކުރާނީ ކޮން ތަނަކަށް ކަން ކަނޑައަޅަން އުނދަގޫވާނެ. އެހެންވެ މުޅި ރާއްޖެ އަށް ބަހާލައިފައި މި އޮތީ ހަތް އަރބަން ސެންޓަރު،“ ހައުސިންގް މިނިސްޓަރު ވިދާޅުވިއެވެ.
އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ




