މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކ. ކުޑަގިރީގައި 1000 ގަސް އިންދައިފިއެވެ.
ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ޕިކްނިކު ދިޔުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ.
އެމްއައިބީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔައީ ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުންނެވެ. އެމްއައިބީއާއެކު މިހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ އެޗްޑީސީ އާއި އެމްޓީސީސީ، އޭޝިއާ ފޯވަޑިން، އައިކެއާ، މޯލްޑިސް ޕޮލިސް ސާވިސް އަދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި މި ހަރަކާތް ރާވާ އިންތިޒާމު ކުރުމުގައި ކްލީން މޯލްޑިވްސް ޖަމިއްޔާއިން ވެސް ބައިވެރިވިއެވެ.
ކުޑަގިރީގައި ގަސް އިންދުމުގެ ޕްރޮގްރާމު ރަސްމީކޮށް ފައްޓާވާދެއްވާފައިވަނީ އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ މުފައްދަލު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ކުރިއަށް ދިއުމަށެވެ.
ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ސަރުކާރުގެ އެކި ކުންފުނިތަކާއި އެހެން ޖަމިއްޔާ ޖަމާޢަތްތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.



