ގުޅީފަޅުގައި ނުހިއްކާ އޮތް ބައި ވަރަށް އަވަހަށް ހިއްކަން ފަށާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގް، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ ވަރަށް އަވަހަށް ގުޅިފަޅު ބިން ހިއްކަން ފެށޭނެ ކަމަށާއި އެތަނުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލުކުރެވޭނީ އެތަން ހިއްކާ ނިމުމުން ކަމަށެވެ.
”އަދި ނެތް ގުޅިފަޅުން ގޯތިތައް ހަވާލުކުރެވޭކަށް. އެކަމަކު މިހާރު އެ ހުރީ ގޯތި ލިބޭނެ ތަން ކަނޑައަޅައި ގުރުއަތުލާ ނިންމާފައި. ގުޅިފަޅުގައި ވެސް އެބަ އޮތް ހިއްކަން ޖެހޭ ސަރަހައްދެއް، އެންމެ ފުން ސަރަހައްދު. އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ“ މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ގުޅިފަޅުން ވަނީ 150 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ނަމަވެސް އިތުރު ފަރާތްތަކަށް ވެސް ގެދޮރު ދިނުމުގެ މަޤްސަދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެތަނުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމަވައިފަ އެވެ.




