ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅު މަޝްރޫއާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކުރުމާ ގުޅިގެން ކުންފުނީގެ ފަރާތުން މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ތާވަލެއް އެކުލަވާލައި ތަފުސީލީ އެގްރިމެންޓެއްގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށެވެ.
”ދެން އަމަލީ މަސައްކަތްތައް ފެށުމަށް އެ ކުންފުނީގެ ޓެކްނިކަލް ބޭފުޅުން އެތަނަށް އައުމާއި، އެކި ކަހަލަ ދިރާސާތައް ކުރުމާއި، މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ގެންދަން ޖެހޭ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދާނެ.“ ވަޒީރު ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 100 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ސީއޭއައިގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާއިރު، މިމަޝްރޫޢަށް ފަންޑުކުރާނީވެސް އެ ކުންފުނިންނެވެ.
”ދައުލަތުން ބާޑަންއެއް ނަގަން ނުޖެހި، ޕްރައިވެޓް ޕަބްލިކް ޕާޓްނާޝިޕް މޮޑެލްގައި ކުރިއަށްގެންދާ އިރުގައި، ކޮންފިޑެންސް ނުވަތަ ޔަޤީންކަން ގެނައުމަކީ ކުރަން ޖެހޭ ކަމެއް ވަރަށް ގިނަ މަސައްކަތްކުރެވިގެން 100 މިލިޔަން ޑޮލަރުގެ މަޝްރޫޢަކާ ހަމައަށް މި ދިޔައީ.“ ވަޒީރު ވިދާޅުވިއެވެ.
މިމަޝްރޫއުގެ ދަށުން، ބައިނަލްއަގުވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިން ޚިދުމަތާއި، ކުރޫޒް ޓޫރިޒަމެއް ތަރައްގީ ކުރުމާއި ޓޫރިޒަމާ ގުޅުންހުރި އިތުރު މަސައްކަތްތަކާއި ރިއަލް އެސްޓޭޓުގެ ވިޔަފާރި އާއި، އެކްސްޕޯޓް ޕްރޮސެސިން ޒޯނެއް ވެސް ތަރައްގީ ކުރަން ވަނީ ހަމަޖެހިފައެވެ.


