މި އަހަރުގެ މާޗުމަހު އެމް.ޕީ.އެލުން ތައާރަފްކުރި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯގެ ޚިދުމަތާ ބްރިޓިޝް އެއާވޭސް އިން ގުޅިއްޖެއެވެ.
ޓާކިޝް އެއާލައިންސްއާއި ގުޅިގެން ފުރަތަމަ ފަށާފައިވާ މިހިދުމަތާއި މިހާރު ބްރިޓިޝް އެއާލައިނުން ވެސް ގުޅިފައިވާއިރު، ހުސްވި އޮކްޓޯބަރު މަހުގެ ތެރޭގައި އެމިރޭޓްސް އެއާލައިނުން ވެސް ވަނީ މިހިދުމަތާއި ގުޅިފައެވެ. މިއާއިއެކު ބްރިޓިޝް އެއާވޭސް އަކީ މި ހިދުމަތާއި ގުޅުނު 11 ވަނަ އެއާލައިނެވެ.
އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ބައިނަލްއަގުވާމީ އެއާލައިންތަކާއި ގުޅިގެން ފުޅާ ކުރަމުން އަންނަ މި ހިދުމަތަކީ ކަނޑުމަގުން މުދާ ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.
މިހިދުމަތް މެދުވެރިކޮށް 13 ގައުމަކަށް މުދާ ފޮނުވަމުން އަންނައިރު، މިހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ފޮނުވީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.




