ރަށްރަށުގައި ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ.
އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސިއްޙަތާއި ބެހޭ ވަޒީރާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައިވާކަމަށާއި މިކަމަށް ސިއްޙީ ވުޒާރާއިން އެއްބާރުލުންދޭނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށްރަށް ހިމެނޭ އަތޮޅު ހޮސްޕިޓަލުތައް މެދުވެރިކޮށް ފަރުވާ ފަށާނެކަމަށާއި ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭސްވެސް އެންޑީއޭ މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށެވެ.
ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭހަކީ އަގު ބޮޑު ބޭހެއްކަން ފާހަކުރައްވާ ލުބްނާ ވިދާޅުވީ އެއީ ދުނިޔޭގައިވެސް ދެވޭ އެންމެ ރަނގަޅު ބޭސް ކަމަށާއި މިބޭހަކީ ފަރުވާ ނަގަމުން އަންނަ މީހާއަށް އެ އަންނަ ވޭނާއި އުނދަގޫ ކަނޑުވައިދޭ ބޭހެއް ކަމަށެވެ.
މީގެ އިތުރުން ބޮޑެތި ހޮސްޕިޓަލްތަކުގައި މެޑިކޭޓަޑް އެސިސްޓަންޓް ޓްރީޓްމަންޓް ފަރުވާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ ސަބަބުން ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ފުރުސަތު ޔަގީންވެގެންދާނެ ކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.
އެންޑިއޭއިން މިމަސައްކަތް ފެށުމަށް ނިންމާފައިވާއިރު، ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ. އެގޮތުން، ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ތިބެގެން ފަރުވާ ފޯރުކޮށްދޭ މީހުންވެސް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެންޑީއޭއިން ބުނެފައިވެއެވެ.




