ވޯލްޑް ބޮޑީ ބިލްޑިންގ މުބާރާތް ރާއްޖޭގައި އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ބޮޑޯބިލްޑިންގ އެސޯސިއޭޝަނުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އާންމު ރައްޔިތުން އަރިހުން މައާފަށް އެދިއްޖެއެވެ.
އެއެސޯސިއޭޝަނުން މިރޭ ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ވޯލްޑް ބޮޑީ ބިލްޑިންގ މުބާރާތާއި ބެހޭ ގޮތުން މިހާރު ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ދިވެހި ރައްޔިތުންގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ.
މި މުބާރާތް ރާއްޖޭގައި ހޯސްޓު ކުރުމަށް މަސައްކަތް ކޮށްފައި ވަނީ ރާއްޖޭގެ ޕްރޮފައިލް ބައިނަލްއަޤްވާމީ ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަ ކުރުމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމްއަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެން ކަމަށް އެއެސޯސިއޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށްފަހު މި މުބާރާތް ރާއްޖޭގައި ނުބާއްވަން ނިންމައިފިނަމަ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖުމްލަކޮށް ރާއްޖެއަށް މާލީ ގޮތުންނާއި އެހެން ގޮތް ގޮތުން ލިބިދާނެ ގެއްލުމަކަށް ވިސްނުމަށްފަހު މުބާރާތް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި މުބާރާތް ކުރިއަށް ގެންދިއުމުގައި އެސޯސިއޭޝަނުން ވަނީ ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދެއްވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައެވެ.
އެހެންނަމަވެސް މުބާރާތާއި ގުޅިގެން ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއެކު އެއެސޯސިއޭޝަނުން މައާފަށް އެދި ބުނެފައި ވަނީ މުސްތަގުބަލުގައި މިފަދަކަމެއް ތަކުރާރު ނުވާނޭ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
”މިމުބާރާތާއި ގުޅިގެން ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މުސްތަޤްބަލްގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ“. ބަޔާނުގައި ބުނެފައިވެއެވެ.
މިމުބާރާތް ރާއްޖޭގައި ބޭއްވުމާއި ގުޅިގެން އާއްމުންނާއި ދީނީ ޢިލްމުވެރިން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ޙަފުލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭނެ ކަމަށެވެ.



