ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފިއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތުގައި ޑރ. މުޙައްމަދު ޒާހިރަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. ޒާހިރަށް އެރުވާފައި މިވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތްތަށް ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ. އެގޮތުން އެމަނިކުފާނަށް ރައީސް މުޢިއްޒު މިރޭ ވަނީ ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ މެޑައްޔެކެވެ.
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަންވެސް މިހާރު ކުރައްވަމުން ގެންދަވާ ޑރ. ޒާހިރަކީ ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ވަރަށް އިޚްލާސްތެރި ޚިދުމަތްތެރިއެކެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ކިޔަވާ ވިދާޅުވުމަށްފަހު ޑރ. ޒާހިރު ރާއްޖެއަށް އެނބުރިވަޑައިގެން އެންމެ ފުރަތަމަ ޚިދުމަތް ފެއްޓެވީ އަމީނިއްޔާ ސްކޫލުގެ އިސްލާމް ޓީޗަރެއްގެ މަގާމުގައި 26 ނޮވެމްބަރު 1970 ގައެވެ. އެމަނިކުފާނު ފާހަގަ ކުރެވިފައިވަނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ އިހުތިރާމާއި ލޯބި ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ.




