ހެޔޮ ވެރިކަމެއްގައި ޖުޑީޝަރީއަށް ނުފޫޒެއް ނުފޯރުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ، ވަކި މީހަކަށް އަދަބު ދިނުމަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.
”އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން. އަޅުގަނޑު ވައުދުވިން ޖުޑީޝަރީއަށް (ޝަރުއީ ދާއިރާ) އަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނެ ކަމަށް“ ރައީސް ވިދާޅުވިއެވެ.
އެގޮތުން، އެމަނިކުފާނު މަގާމާއި ހަވާލުވި ދުވަހު، ހަވާލުވި ވަގުތުން ފެށިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާކަން އިއުލާނުކޮށްފައިވާނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެވަގުތަށްފަހު، ސަރުކާރުން ޝަރުއީ ދާއިރާއަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
”އަޅުގަނޑު މަގާމާ ހަވާލުވި ދުވަހު ހުވާކުރުމަށްފަހު ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަދެއްކިއިރު އަޅުގަނޑު އިއުލާނު ކުރިން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމުނީކަން. 17 ނޮވެމްބަރު 2023 ވީ ހުކުރުދުވަހު ހަވީރު 5:03 އިން ފެށިގެން (ވެރިކަމާ ހަވާލުވެ އަޅުގަނޑު ހުވާކުރި ވަގުތުން ފެށިގެން) މިރާއްޖޭގައި ސަރުކާރުން ޝަރުއީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވަން. ކުރިއަށް އޮތްތާންގައި ވެސް ނުފޯރުވާނަން“ ރައީސް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއަށް ބޭނުންވާ ކަންތައްތައް މަގުފަހި ކޮށްދޭނެކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރު ޝަރުއީ ދާއިރާއަށް ބޭނުންވާ އިމާރާތުގެ ޖާގައިގެ ބޮޑެތި ކަންތައްތަކެއް ހައްލުވާނެ ކަމަށެވެ.
މިސަރުކާރުން ހަވާލުކޮށްގެން ނިންމަމުންދާ ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް މިއަންނަ އަހަރުގެ މާރިޗު އޭޕްރީލް ހިސާބުގައި ނިންމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއިއެކު، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އަވަހަށް ނިމިގެންދާނެ ކަމަށް ވެސް އެމަިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޝަރުއީ ދާއިރާގެ ’ސުޕީރިއާ ކޯޓު ކޮމްޕްލެކްސް‘ ހުޅުމާލޭގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ސުޕްރީމް ކޯޓަށް ބޭނުންވާ ބިން މިދިޔަ ހަފްތާގެ ތެރޭގައި މާލޭއިން ހަމަޖެހިފައިވާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއިއެކު، އަންނަ އަހަރުގެ ބަޖެޓުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރު ކުރުމަށް ހިމަނާފައިވާއިރު، ޝަރުއީ ދާއިރާ މިނިވަންކޮށް، އެހެންބަޔަކަށް ބަރޯސާ ނުވެ އުޅެވޭ ގޮތް ހަދައިދިނުން އެއީ އިޚްލާސްތެރި ވެރިކަންކުރާ މީހުން ކަންކުރާ ގޮތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



