އަންނަ އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ކަމެއްގެ ގޮތުގައި އޮންނާނީ ތަޢުލީމާއި ސިއްޙަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.
ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި މަތީ ތަޢުލީމުގެ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގިނަ ޢަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ސްކިލްސް ޑިވެލޮޕްމަންޓް މަޝްރޫޢުތައް ހިންގައި، ގިނަ ޢަދަދެއްގެ ސްކޮލަރޝިޕްތައް ދީ، ލޯން ސްކީމްގެ ތެރެއިން ގިނަ ޢަދަދެއްގެ ލޯންވެސް ދޫކުރެވިފައިވާކަމަށެވެ.
އެގޮތުން މަތީ ޘާނަވީ ދަރިވަރުންނަށް ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން، 23 ސްކޫލެއްގައި މަތީ ޘާނަވީ ކިޔަވައިދޭން ވަނީ ފަށާފައި ކަމަށާއި، މާލޭގައި ގްރޭޑް 11 އަދި 12 ކިޔަވާ ކުދިންގެ ލުއި ފަސޭހައަށްޓަކައި ސީ.އެޗް.އެސް.އީ- އަލުން ހުޅުވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޢަރަބިއްޔާ ސްކޫލަށް ބޮޑު ބިމެއް ކަނޑައަޅައި، ވަރަށް އަވަހަށް އެސްކޫލް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނޭކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ދަރިވަރުންނަށް ކިޔަވައިދޭނޭ ދިވެހި މުދައްރިސުން އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ދިވެހި ތުއްތުކުދިންނަށް ކިޔަވައިދިނުން ދިވެހިންގެ އަތްމައްޗަށް ގެނައުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އޭލެވަލް ހަދަމުންދާ ކުދިންނަށްވެސް ޓީޗިން ދާއިރާއަށް ވަންނަން ފުރުޞަތު ދެމުން މިދަނީ އެ އުއްމީދުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އަހަރު ވެގެންދާނީ، ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް މުދައްރިސުން ތަމްރީނުކުރެވޭ އަހަރަށް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



