މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައުދީ ޢަރަބިއްޔާ ކުރައްވާފައިވާ ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކުގެ މަޝްވަރާގައި ވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު ސައުދީ ޢަރަބިއްޔާގެ ރިޔާޛަށް މިހާރު ވަޑައިގެންފިއެވެ. އެމަނިކުފާނަށް ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރިޔާޛު ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ.
މަތީ ފަންތީގެ ވަފުދަކާއެކު ރައީސް ކުރެއްވި މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސައުދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.
މި ސަމިޓުގައި ރައީސް މުޢިއްޒު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުއެވެ.




