ބަނޑުހައިވެގެން ކަމަށް ބުނެ ތޫނު އެއްޗަކުން މީހަކަށް ބިރު ދެއްކި މައްސަލައެއްގައި ގދ. އަތޮޅުން އުމުރުން 34 އަހަރުގެ ފިރިހަނަކު ހައްޔަރު ކޮށްފިއެވެ.
ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި މައްސަލައިގައި އެމީހާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
އެގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ބަންދު ކުރަން ނިންމި ސަބަބަކީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ކަމަށް ފެންނާތީ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
ތޫނު އެއްޗެއް ބޭނުން ކޮށްގެން ބިރުދެއްކީ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށާއި އެކަން ކުރެވުނީ ބަނޑުހައިވެފައި ހުރުމުން ކަމަށް އޭނާ ބުނި ކަމަށް ވެސް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައިވެއެވެ.



